އިޤުތިޞާދީ ގޮތުން ޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރައްވައި ތަރައްޤީގެ މަގަށް މިސްރާބު ޖެއްސެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފިއެވެ.

އއ. އުކުޅަހުގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ވެރިކަން ކުރާ ޕާޓީގެ ޗެއަރޕާސަންގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތް އޮތީ މާލީ ގޮތުން ފުނޑުފުނޑުވެފައެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން އުއްމީދުކޮށްގެން ތިބީ ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ބަނގުރޫޓުވެގެންދާނެ ކަމަށެވެ. އެހެންނަމަވެސް، ކުރީގެ ސަރުކާރުތަކުން ވާރުތަވި އިންތިހާއަށް ބޮޑު ދަރަނި އަދާކުރައްވަމުން، އުމްރާނީ ތަރައްޤީގެ މަސައްކަތްތައް މަޑުޖެހުމެއްނެތި ކުރިއަށް ގެންދަވާތީ އެކަމަށްޓަކައި ރައީސަށް ސެލިއުޓް ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ނާމާން ދަނޑިވަޅުގައި ވެސް، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެޔޮ ފަދަ ޟަރޫރީ އެންމެހާ ތަކެތި ދަތިކަމެއްނެތި ފޯރުކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މި ކާމިޔާބީތަކަށް ރިޢާޔަތްކުރައްވައި، ކުރިއަށް އޮތް 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕީއެންސީގެ މެންބަރުން އަތުކުރި އޮޅާލުމަށް ޢަބްދުއްރަޙީމް ގޮވާލެއްވިއެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން “އަނެއް ދިވެހިރާއްޖެ”އަށް ކުރަމުންދިޔަ މިސްރާބެއް ނެތް ދަތުރު ހުއްޓުވައި، ޤައުމުގެ ހިންގުން “ދިވެހީންގެ ރާއްޖެ”އަށް ބަދަލުކުރެއްވީތީ އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމުނުވާކަމަށް ޢަބްދުއްރަޙީމް ތުހުމަތުކުރެއްވިއެވެ. އަދި ސިޔާސީ ބޭނުމެއްގައި ބަޔަކު ފަތުރާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކަށް ނުހެއްލުމަށާއި، ކަންކަމާ މެދު ވިސްނުންތެރިކަމާ އެކު ގޮތް ނިންމުމަށް އޭނާ ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

Leave a Reply