ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދިނުމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާ އެކު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަހުޔާ އަލް ގަހުތާނީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެ ބައްދަލުކުރެއްވުމަކީ ފުލުހުންގެ ހިދުމަތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ.

އެގޮތުން، ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަހުގީގުގެ ދާއިރާ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވެއެވެ.

Leave a Reply