މިދިޔަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު 55,788 މަދު ކަމަށް ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ މީހުންގެ އަދަދު 1.44 މިލިއަނަށް ވަނީ އަރާފައެވެ. ނަމަވެސް މިއީ ފާއިތުވި 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 އިންސައްތައިގެ ދަށްވުމެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރަށާއި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ މިއަހަރުގެ ތެރޭގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަަހަރު ފަށާފައި ވަނީ މެކްރޯއިކޮނޮމިކް ނަޒަރަކުން ބަލާއިރު ފަތުރުވެރިކަމަށް ވަރަށް އުއްމީދީ ގޮތަކަށެވެ. އެގޮތުން ޖެނުއަރީ މަހު 5.0 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، ފެބްރުއަރީ މަހު ވަނީ 17.7 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ފެބްރުއަރީ މަހު އެކަނި ވެސް 254,556 މީހުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ނަމަވެސް މާރިޗު މަހުން ފެށިގެން މަންޒަރު ވަނީ ބަދަލުވާން ފަށާފައެވެ. މާރިޗު މަހު ޒިޔާރަތްކުރި މީހުންގެ އަދަދު 19.8 އިންސައްތަ ދަށްވެފައިވާއިރު، އޭޕްރީލް މަހު ވަނީ 24.4 އިންސައްތައިގެ ބޮޑު ދަށްވުމެއް ރެކޯޑުކުރެވިފައެވެ. މިއާ އެކު ދައުލަތުގެ އާމްދަނީއާއި ބަޖެޓަށް މީގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ބެލެވެއެވެ.

މެއި މަހާއި ޖޫން އަދި ޖުލައި މަހު ވެސް ތަފާތު ގޮތްގޮތަށް އަދަދުތައް ހުރިނަމަވެސް، އޮގަސްޓް މަހުގެ ނަތީޖާ ދައްކަނީ އުއްމީދީ ގޮތަކަށެވެ. އޮގަސްޓް މަހުގެ 1އިން 30އަށް 191,783 މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 2.1 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކްރޫޒް ލައިނަރތަކުގައި ރާއްޖެއަށް އައި ފަސިންޖަރުންގެ އަދަދު ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އަދި 2025ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކްރޫޒް ފަސިންޖަރުންގެ ގޮތުގައި 8,263 މީހުން ރެކޯޑުކުރެވިފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 15,577 އަށް އަރާފައެވެ. މިއީ މިއަހަރުގެ ފެބްރުއަރީ (5,237 މީހުން) އަދި މާރިޗު މަހު (4,049 މީހުން) ކްރޫޒް ފަސިންޖަރުން އައި އަދަދު ބޮޑުތަނުން އިތުރުވުމުގެ ނަތީޖާއެވެ.

Leave a Reply