ވ. ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ލަސްވަމުން ދަނީ އެ ރަށުގެ އެންމެން އެ ކަމަށް އެއްބަަސްނުވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސަރުކާރުން އެދޭ ގޮތަކީ ވެސް ރަކީދޫ މީހުން، ވަސީލަތްތަކާއި ހިދުމަތްތައް ރަނގަޅަށް ގާއިމުކުރެވިފައިވާ އެހެން ރަށަކަށް ބަދަލުކުރުން ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ސިޔާސަތަކަށް ކަނޑައަޅާފައިވަނީ ރަށުގެ ވީހާ ވެސް ގިނަ ރައްޔިތުން އެ ގޮތަށް ބަދަލުވާން ބޭނުންވާނަމަ ކަމަށާއި އެހެން ނަމަވެސް ބަދަލުވާން ބޭނުންނުވާ ބަޔަކު އަދިވެސް އެ ރަށުގައި އެބަތިބި ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

“ރަށުގެ ބައެއް ފަރާތްތަކުން ބަދަލުތަކަށް ބޭނުމެއް ނުވޭ. އެހެން ނަމަވެސް ސަރުކާރުގެ ޕޮލިސީއަކީ ރަށުގެ ހުރިހާ ފަރާތަކުން ބަދަލުވާން ބޭނުންވާ ނަމަ ބަދަލުކުރުން. އެހެންވެ އެ މަޝްވަރާތައް ކުރިއަށް އެބަދޭ. ރަށުގެ ރައްޔިތުން އެއްބަސްވާ ކަމަށް ވަންޏާ އެ މަސައްކަތް ފަށައިގަންނަން,” މުއްތޮލިބް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރާނީ ރަށުގެ މަދުވެގެން 80 އިންސައްތަ މީހުން އެ ގޮތަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ރަކީދޫއަކީ އާބާދީއާއި ބިމުގެ ގޮތުން ވެސް ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ ރަށެވެ. ގާތްގަނޑަކަށް ހައެއްކަ ހެކްޓަރުގެ އެ ރަށުގެ ރަޖިސްޓަރީ އާބާދީއަކީ 300 މީހުނެވެ. 2022ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅެނީ 76 މީހުންނެވެ.

Leave a Reply