
އާންމު ރައްޔިތުންނަށް ފަސޭހަކަމާ އެކު އަވަހަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި، އާޓިފިޝަލް އިންޓެލިޖެންސް(އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ ޒަމާނީ ޗެޓްބޮޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިއަދު އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި، އަލަށް ތައާރަފުކުރާ މި ނިޒާމަކީ މެދުކެނޑުމެއްނެތި 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފަރުމާކުރެވޭނެ ނިޒާމެކެވެ. މި ޗެޓްބޮޓް މެދުވެރިކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ފަސޭހައިން މުއާމަލާތްކުރެވޭނެއެވެ. ޚާއްސަ ގޮތެއްގައި، ދިވެހި ބަހުން މުއާމަލާތްކުރާއިރު ތާނަ އަކުރުގެ އިތުރުން ލެޓިން އަކުރުން ލިޔުނު ކަމުގައިވިޔަސް، އެ ބުނާ އެއްޗެއް ފުރިހަމައަށް ދެނެގަނެ ޖަވާބު ދިނުމުގެ ގާބިލުކަން މި ބޮޓުގައި ހުންނަންވާނެކަމަށް އާސަންދައިން ވަނީ ކަނޑައަޅާފައެވެ.
ASND-GA-IUL-2026-28 – Procurement of AI-Powered Multilingual Chatbot Solution for Aasandha Online Platformshttps://t.co/bW3gia95ufhttps://t.co/0svG8qQljE pic.twitter.com/A85FMajCQq
— Aasandha Company Ltd (@AasandhaLtd) August 20, 2026
އާސަންދައިގެ ވެބްސައިޓާއި، ކުންފުނީގެ އެތެރޭގެ ސިޔާސަތުތަކާއި އުސޫލުތަކަށް ބިނާކޮށް، އާންމުން ކުރާ ގިނަ ސުވާލުތަކަށް އޮޓަމެޓިކުން ޖަވާބުދިނުމަށް މި ޗެޓްބޮޓް ފަރުމާކުރެވޭނެއެވެ. އަދި ބޮޓަށް ޖަވާބު ނުދެވޭފަދަ އުނދަގޫ ސުވާލުތައް ސީދާ ކަސްޓަމާ ސާވިސް އެޖެންޓުންނަށް ނުވަތަ ކުންފުނީގެ ހޮޓްލައިނަށް ފޮނުވާލެވޭނެ ފަސޭހަ އިންތިޒާމެއް ވެސް މި ނިޒާމުގެ ތެރޭގައި ހިމެނުމަށް ވަނީ ޝަރުތުކޮށްފައެވެ. އޭގެ އިތުރުން، ކޯޑިންގްގެ އެއްވެސް ތަޖުރިބާއަކާ ނުލައި ކުންފުނީގެ މުވައްޒަފުންނަށް މައުލޫމާތު އާކުރެވޭނެ ވެބް ޑޭޝްބޯޑެއް ހިމެނުމާ އެކު، ކުންފުނީގެ ސާވަރުގައި ނުވަތަ ކްލައުޑްގައި މި ސިސްޓަމް ބެހެއްޓޭނެ ގޮތް ހަދަންޖެހެއެވެ.
މިފަދަ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، “މައި އާސަންދަ” ޕޯޓަލް އަދި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. މި ބަދަލާ އެކު ކަސްޓަމާ ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ބުރަހެލިކަން ކުޑަވެގެންދާނެއެވެ. އަދި އާންމުން އެންމެ ގިނައިން އޮޅުންފިލުވަން ބޭނުންވާ ކަންކަން ދެނެގަނެވި، އާންމުކުރާ މައުލޫމާތުތައް މެދުކެނޑުމެއްނެތި އެންމެ ފަހުގެ މައުލޫމާތަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































