ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނެގޭ ވިތުހޯލްޑިންގ ޓެކްސް ފަސް އިންސައްތައިން ދިހަ އިންސައްތައަށް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މި މުހިންމު އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ތައާރަފުކޮށްދެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކު އިއްޔެގެ ޖަލްސާގައި މި ބިލު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މި އިސްލާހު ފާސްވެއްޖެނަމަ، ދިވެހިރާއްޖޭގައި ގާއިމުވެފައިނުވާ ބޭރުގެ ފަރާތްތަކަށް ފައިސާ ދައްކާއިރު، އެ ފައިސާއިން 10 އިންސައްތަ އުނިކުރަންޖެހޭނެއެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި މި ބަދަލާއެކު ދައުލަތުގެ ބަޖެޓަށް އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 251 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ވަންނާނެއެވެ. އަދި ބޭރުގެ ފަރާތަކަށް ރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒަކުން ލިބޭ އާމްދަނީން ކަނޑާ މި ޓެކުހަކީ އެ ފަރާތުގެ ފުރިހަމަ ޓެކްސްގެ ގޮތުގައި ބެލުމުގެ އިހުތިޔާރު ލިބޭނެއެވެ. އެގޮތަށް ހިޔާރުކޮށްފިނަމަ އެ އާމްދަނީ ހިސާބުކުރުމުގައި އިތުރު އެއްވެސް މިންވަރެއް އުންޏެއް ނުކުރެވޭނެއެވެ.

ވިތުހޯލްޑިންގ ޓެކްސްއަކީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން ކަނޑައި، ޓެކްސް އިދާރާއަށް ދައްކަން ލާޒިމުކުރާ ޓެކްސްއެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭރުގެ އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އަތުން ވެސް ޖީއެސްޓީ ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ. މި ބިލުގެ ސަބަބުން ދައުލަތަށް އިތުރު 1.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

Leave a Reply