
ނ. ހޮޅުދޫގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުމާއެކު ޓެސްޓްކޮށް މިހާރު ކޮމިޝަންވެސްކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 60 ޓަނުގެ 2 އާރްއޯ ޕްލާންޓް، 25 ޓަނުގެ ވާރޭ ފެން ޕްލާންޓް، 350 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކް އަދި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ގާއިމުކޮށްފައިވެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ދެން ކުރިއަށް ގެންދާނީ ފެނުގެ ނިޒާމް އޮޕަރޭޓްކުރުމުގެ ގޮތުން އޮޕަރޭޓަރާއި ހަވާލުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކަމަށެވެ.
ހޮޅުދޫއަކީ 1500އެއްހާ މީހުންގެ އާބާދީ ހިމެނޭ ރަށެކެވެ. ފެނުގެ ނިޒާމްއާއި ނަރުދަމާއި ތަރައްގީގެ އެކި މަޝްރޫއުތައް ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ދަނީ ހިންގަމުންނެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































