
ދައުލަތުގެ މާލީ ނިޒާމާއި އިންވެސްޓްމަންޓްތައް މެނޭޖްކުރުމުގައި ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުން އިތުރުކޮށްފިނަމަ، ރާއްޖޭގައި ކުރެވޭ ތިމާވެށީގެ އިންވެސްޓްމަންޓްތައް ފުޅާކޮށް، ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފަހިވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.
އައިއެމްއެފްއިން އެފަދައިން ބުނީ އެ ފަންޑުން މި އަހަރު އާޓިކަލް ހަތަރެއްގެ މިޝަންގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އެކުލަވައިލި ވަގުތީ ރިޕޯޓުގައެވެ.
އައިއެމްއެފްއިން ބުނީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށާއި ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްކުރެވޭފަދަ ނިޒާމެއް ބިނާކުރުމަކީ ދިގުމުއްދަތުގެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެކެވެ. އަދި ދައުލަތުގެ ޚަރަދުތަކާއި އިންވެސްޓްމަންޓްތައް ރޭވުމުގައާއި، ވަޒަންކުރުމުގައާއި އަދި މެނޭޖްކުރުމުގައި ތިމާވެށްޓަށް ކުރާނެ އަސަރުތަކަށް ބެލުމަކީ، ތިމާވެށްޓާ ގުޅުންހުރި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް އައިއެމްއެފްއިން ފާހަގަކުރިއެވެ.
އައިއެމްއެފްއިން ބުނީ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރި އުސޫލުން ނަގާ ލޯނުތަކަށްވުރެ ލުއި ޝަރުތުތަކާއެކު ލިބޭ ތިމާވެށީގެ މާލީ އެހީތައް (ކޮންސެޝަނަލް ކްލައިމެޓް ފައިނޭންސިންގ)ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި އެފަދަ ލުއި އެހީތަކުގެ ސަބަބުން، ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިސާ ހޯދާއިރު ދަރަނީގެ ބުރަ ކުޑަކުރެވުމާއެކު، މޫސުމީ ބަދަލުތަކަށް އިންތިިލާފުވުމަށާއި ކެތްތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫޢުތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް ވެސް ބުންޏެވެ.
އޭގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށް ގެންނަ އިޞްލާޙުތަކަކީ، މުސްތަގުބަލުގައި ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަންކަން ކަމުގައި އައިއެމްއެފް އިން ފާހަގަކުރިއެވެ. ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމުން، މާލީ ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށްވެސް އެ ފަންޑުން ބުނެއެވެ. އިންވެސްޓްމަންޓްތައް ރޭވުމާއި މަޝްރޫޢުތައް ވަޒަންކުރުން މިހާރަށްވުރެ ސާފުކޮށް ބައްޓަންކުރުމުން، ދައުލަތުގެ ވަސީލަތްތައް އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން އެންމެ ފައިދާހުރި ކަންކަމަށް އަމާޒުކުރެވޭނެކަން ކަށަވަރުކުރެވޭނެކަމަށް ބުންޏެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































