
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަން މާލީ ވަޒީރު ޙަސަން ޒަރީރު ހާމަކުރައްވައިފިއެވެ.
މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޤާނޫނުއަސާސީގެ 115ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފައްދާފައިވާ މަގާމުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި ސިޔާސީ މަގާމުތައް މަދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމުގެ މަރުޙަލާ ފެށިފައިވާކަމުގެ ޔަގީންކަން ޒަރީރު ދެއްވިއެވެ.
މި ސަރުކާރުން ވަނީ، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ ހަރުދަނާ ނިޒާމެއް މުޅިން އަލަށް ތަޢާރަފުކޮށްފައެވެ. ކޮންމެ ތިން މަހަކުން އެއްފަހަރު މުވައްޒަފުންގެ އެޕްރައިޒަލް ހަދައި، އެކަށީގެންވާ ނަތީޖާ ނުނެރެވޭ އަދި ފަރުވާކުޑަކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެކަން މެއި 3ވަނަ ދުވަހު ރައީސް މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ.
މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، މުވައްޒަފުން ވަޒަންކުރުމުގެ މަރުޙަލާ މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށް ސަރުކާރުން ބުނެއެވެ. އަދި މީގެ ފަހުން އޮންނާނީ އެޕްރައިޒަލްގެ ނަތީޖާއަށް ބިނާކޮށް ފިޔަވަޅު އެޅުމާއި މަގާމުތަކުން މީހުން ވަކިކުރުމުގެ މަރުޙަލާކަން ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































