ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގާ ޙަލާލް ޓޫރިޒަމަށް ޚާއްސަ ސަރަހައްދުތަކެއް ހިމެނޭހެން، މުޅިއަކު 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްޤީކުރަން އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ނިންމި މި އިއުލާނުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ ހަލާލް ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ތިން ސަރަހައްދަށެވެ. އެގޮތުން ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫއިން 8.18 ހެކްޓަރު އަދި ސ. ދޮންހެރައިން 10.23 ހެކްޓަރުގެ ބިމެއް ވަނީ މިކަމަށް ޚާއްސަކޮށްފައެވެ. މިއިން ކޮންމެ ތަނެއްގައި މަދުވެގެން 100 އެނދު ތަރައްޤީކުރަންޖެހޭއިރު، މަކުނުދޫގައި މަދުވެގެން 150 އެނދު ހަދަންޖެހޭނެއެވެ.

ބައި ގަރުނުގެ މުއްދަތަށް މި ރަށްތައް ކުއްޔަށް ދޫކުރަނީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ދޭން ޝަރުތުކޮށްފައެވެ. އެގޮތުން، ބަނގުރަލާއި އޫރުމަސް އެތެރެކުރުމާއި ވިއްކުން މަނާވުމުގެ އިތުރުން، ފޯރުކޮށްދޭން ޖެހޭނީ ހަލާލް ސެޓްފިކެޓް އޮންނަ ކާބޯތަކެއްޗެވެ. އަދި ދެޖިންސަށް ވަކިން ވެލްނެސް ސެންޓަރުތައް ހިންގުމާއި، ފަތުރުވެރިންނާއި މުވައްޒަފުންނަށް ވަކިން ދެ މިސްކިތް ބިނާކުރުން ވެސް ލާޒިމުކޮށްފައިވެއެވެ. އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 އިންސައްތައިގެ ލުޔެއް ލިބޭއިރު، ހަލާލް ޓޫރިޒަމްގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 20 އިންސައްތައިގެ އިނާޔަތެއް ދޭން ނިންމާފައެވެ.

މީގެ އިތުރުން، އުތުރުގެ އަތޮޅުތަކުން 10 ފަޅެއް ވަނީ އާންމު ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހއ. މާދުނި ފަރުން ތިން ފަޅު، ހދ. މަކުނުދޫ ފަރާއި މާފަރުން ހަތަރު ފަޅު އަދި ށ. ގޮނާ ފަރުން ތިން ފަޅު ހިމެނެއެވެ. 200 ހެކްޓަރުގެ މި ކޮންމެ ފަޅެއްގައި މަދުވެގެން 150 އެނދު ތަރައްޤީކުރަން ޖެހޭއިރު، ލީސް އެކުއިޒިޝަން ކޮސްޓް އުޅެނީ 1.5 މިލިއަނާއި 2.1 މިލިއަން ޑޮލަރާ ދެމެދުގައެވެ.

ވަކި ރަށްތަކެއްގެ ގޮތުގައި ބީލަމަށް ލާފައި ވަނީ 63.99 ހެކްޓަރުގެ ށ. ނަލަންދޫއާއި ނ. ފަރުމުއްޔެވެ. 200 އެނދުގެ ރިސޯޓެއް ހަދަން ނަލަންދޫއަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ގާބިލުކަމުގައި 10 މިލިއަން ޑޮލަރު ހުންނަންޖެހެއެވެ. އަދި 150 އެނދު ތަރައްޤީކުރަން ޖެހޭ ފަރުމުއްޔަކީ 2.25 މިލިއަން ޑޮލަރުގެ އެކުއިޒިޝަން ކޮސްޓަކާ އެކު މި ފަހަރުގެ އެންމެ އަގުބޮޑު ސަރަހައްދެވެ.

ފަންސާސް އަހަރަށް ދޫކުރާ މި ހުރިހާ ސަރަހައްދެއްގައި ވެސް ބިން ހިއްކައިގެން ރިސޯޓު ހެދުމުގެ ހުއްދަ ލިބޭއިރު، މަސައްކަތް ނިންމަން 36 މަސްދުވަސް ދޭނެއެވެ. މި މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޕްރީ-ބިޑް ބައްދަލުވުންތައް ސެޕްޓެމްބަރާއި އޮކްޓޯބަރުގައި އޮންލައިންކޮށް ބޭއްވުމަށް ފަހު، ރަސްމީކޮށް ބީލަން ބަލައިގަންނާނީ ނޮވެމްބަރު މަހުގެ 17އިން 23ގެ ނިޔަލަށެވެ.

Leave a Reply