ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް މި މަހުގެ ތިންވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނައި 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ތަކެތި ކަސްޓަމްސްއިން ހިފަހައްޓާފައިވާއިރު، ޤާނޫނަށް ގެނެވުނު އައު އިސްލާޙުތަކާ އެކު މިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ކަނޑައަޅާފައެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ވޭޕާއި އޭގެ ބައިތައް ރާއްޖެ އެތެރެކުރާނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް ނުވަތަ އެފަދަ އާލާތަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، އެތެރެކުރުން އަދި ވިއްކުމުގެ އިތުރުން ހިލޭ ބެހުން މަނާކުރާ ގޮތަށް ޤާނޫނަށް ގެނައި މި މުހިންމު ބަދަލަށް ޢަމަލުކުރަން ފަށާފައި ވަނީ ނިމިދިޔަ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެންނެވެ. މީގެ ކުރިން، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެކަނި ވެސް ކަސްޓަމްސްއިން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި 28،637 ވޭޕް ކާޓްރިޖް ރާއްޖެ އެތެރެކުރުން ވަނީ ހުއްޓުވާފައެވެ.

Leave a Reply