
ހއ. ހޯރަފުށިން ގަވާއިދާ ޚިލާފަށް ވިޔަފާރި އުސޫލުން ތެޔޮ ވިއްކުމަށް ބޮޑު ބިމެއް ދޫކޮށްފައިވާ މައްސަލައިގައި، އެ ރަށުގެ ކުރީގެ ކައުންސިލަރުންގެ މައްޗަށް ދައުވާ އުފުލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރަސްމީކޮށް ބަލައިގަނެފިއެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ކޮރަޕްޝަންގެ އަމަލު ހިންގާފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ “ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް”އަށް 5،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމުގައެވެ. މި ބިން ދޫކޮށްފައި ވަނީ އާންމުކޮށް އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކާ މުޅިން ޚިލާފަށްކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
ޖިނާއީ ދައުވާ އުފުލުމަށް ޕީޖީއަށް ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ހޯރަފުށީ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ވަޙީދާއި، އޭރުގެ ނައިބު ރައީސް އަޙްމަދު އިމްދާހުގެ އިތުރުން ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފް، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާއެވެ.
މި ހަތް ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން އެދިފައި ވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ކުށާއި، ދައުލަތަށް ލިބެން އޮތް ފައިދާއެއް އުނިވާ ގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































