ސިޔާސީ ޕާޓީތަކުން ހުށަހަޅަންޖެހޭ އަހަރީ އޮޑިޓް ރިޕޯޓު ފޮނުވުމުގެ ސުންގަޑި ހަމަވިއިރު، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ރިޕޯޓުތައް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މި އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ގާނޫނީ ވާޖިބު އަދާކޮށްފައި ވަނީ އެންމެ ހަތަރު ޕާޓީއަކުންނެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)އެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ކޮމިޝަނަށް ރިޕޯޓު ހަވާލުކޮށްފައި ވަނީ ސުންގަޑި ފަހަނައަޅައި ދިޔަފަހުން، ޖޫން މަހުގެ 4ވަނަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަޔާންކުރާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީތަކުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް ފަހު އީސީ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ލާޒިމުވާނެއެވެ. މިކަމަށްޓަކައި އައްޔަނުކުރާ އޮޑިޓަރަކީ އޮޑިޓަރ ޖެނެރަލް ގަބޫލުކުރައްވާ ފެންވަރުގެ ބޭފުޅަކަށް ވާންޖެހެއެވެ.

ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް ފަހު، އެއް މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ ލަފަޔާއި ރިކޮމެންޑޭޝަން އެކުލެވޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށާއި އީސީއަށް ފޮނުވަން ޖެހެއެވެ. ގާނޫނީ މުއްދަތުގައި ރިޕޯޓު ހުށަނާޅައިފިނަމަ، 50،000 ރުފިޔާއިން ޕާޓީ ޖޫރިމަނާކުރުމުގެ އިހުތިޔާރު އީސީއަށް ލިބިދީފައިވެއެވެ.

ޖޫރިމަނާކުރަން ކޮމިޝަނުން ނިންމައިފި ހާލަތެއްގައި، 15 ދުވަސްތެރޭގައި އެކަން ޕާޓީއަށް އަންގަންޖެހެއެވެ. އަދި ނޯޓިސް ލިބޭތާ އެއް މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭނެއެވެ. މި މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ދެން އަންނަ އަހަރެއްގައި ދައުލަތުގެ ބަޖެޓުން އެ ޕާޓީއަކަށް ދޫކުރާ ފައިސާއިން ނުދައްކާ އޮތް ޖޫރިމަނާގެ އަދަދު ކަނޑަން ގަވާއިދު ލާޒިމުކުރެއެވެ.

Leave a Reply