
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގައި ތަރައްޤީކުރާ ޒަމާނީ މަލްޓިޕާޕަސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ހަފްލާގައި، މި ބިނާގެ ބިންގާ ޤާއިމުކޮށްދެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުގީގެ އިތުރުން ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ. މިއީ މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފެންވަރު މަތިކޮށް، ދަރިވަރުންނާއި މުވައްޒަފުންނަށް ފުރިހަމަ މާޙައުލެއް ހޯދައިދިނުމަށް އެމްއެންޔޫއިން ފެށި ވަރަށް އަގުހުރި އިންވެސްޓްމަންޓެއްކަމަށް އެ މުއައްސަސާއިން ސިފަކުރެއެވެ.
އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ފަރުމާކޮށްފައިވާ މި ބޮޑު އިމާރާތުގައި ކިޔަވައިދޭ ކިލާސްތަކާއި، ސެމިނާ ރޫމްތަކާއި، ތަފާތު ބޭނުންތަކަށް ޚާއްޞަ މަލްޓިޕާޕަސް ހޯލެއް ހުންނާނެއެވެ. އަދި ދަރިވަރުންގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ރެސްޓޯރެންޓާއި ކެންޓީނުގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، އައު ހޯދުންތައް ހޯދުމަށް ފެންވަރު ރަނގަޅު ލެބޯޓަރީތަކާއި، ‘ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް’ ހިންގުމަށް ބޭނުންވާނެ އެކަށީގެންވާ ޖާގަ މިތަނުން ލިބިގެންދާނެއެވެ. ޖާގައިގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ފެކަލްޓީތަކަށް މިއީ ބޮޑު ތަސައްލީއަކަށް ވާއިރު، އިދާރީ އޮފީސްތަކާއި ޕާކިންގ ޒޯނެއް ވެސް މިތަނުގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.
A significant milestone for the Maldives National University as the University held its 400th Council Meeting today, followed by the groundbreaking ceremony of the Multipurpose Building, reflecting its continued commitment to growth, development, and strengthening educational… pic.twitter.com/0dSMZRLMJV
— The Maldives National University (@MNUedu) June 10, 2026
މި މަޝްރޫޢަކީ ދަރިވަރުންގެ ލީޑަރޝިޕް ހުނަރު އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްއެންޔޫއިން ބުނި ގޮތުގައި، ހުޅުމާލޭގައި އަޅާ ޓީޗިންގ ހޮސްޕިޓަލާއި މެޑިކަލް ސްކޫލް ނިމެންދެން، މި އިމާރާތަކީ ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. މިއީ ފުޅާ ދާއިރާއެއްގައި ހިންގާ ބޮޑު ޕްރޮޖެކްޓަކަށް ވާތީ، ޢިމާރާތްކުރުމުގެ މަސައްކަތްތައް ރާވާފައި ވަނީ ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































