
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ސަފުގައި އާ ޒުވާން ޖީލަކަށް ފުރުސަތު ފަހިކޮށްދިނުމަކީ އެ ޕާޓީގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް، ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާކަން އިޢުލާނުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ސިޔާސީ މައިދާނުގައި ޕާޓީގެ ޙަރަކާތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންގެ އިތުބާރު ކަށަވަރުކުރުމަށްޓަކައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަން މީކާއީލް ވަނީ ފާހަގަކުރައްވާފައެވެ. މި ސިޔާސަތުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ ގޮނޑީގެ 30 އިންސައްތަ ޒުވާނުންނަށް ޚާއްޞަކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން އޭނާ ވަނީ ދާދި ފަހުން މަޖިލީހަށް މުހިންމު ހުށަހެޅުމެއް ވެސް ހުށަހަޅުއްވާފައެވެ.
بسم الله الرحمن الرحيم
އެމްޑީޕީއަށް މިވަގުތު އެންމެ މުހިންމީ ހަމަހަމަކަމާއިއެކު ޕާޓީ ހިންގަދީ، ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ އާންމު މެންބަރުންގެ މަސްލަހަތު އިސްކުރާނެ ފަރާތެއް.
ޕާޓީގެ މެންބަރުންގެ އަރިހުން މި އެދެނީ އިތުބާރާއިއެކު އާ ޒުވާން ޖީލަކަށް ފުރުސަތު ދެއްވުމަށް. pic.twitter.com/apNq7Rl4RH
— Meekail Naseem (@MickailNaseem) April 8, 2026
މީގެ އިތުރުން، ޤައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން ގެންގުޅޭ މުހިންމު ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން، ޤައުމީ ފެންވަރުގައި ބާއްވާ ދެ އިންތިޚާބެއް އެއްކޮށްލުމަށް ކުރެވޭ މަސައްކަތްތަކާ އެ ޕާޓީން ކަނޑައެޅިގެން ދެކޮޅުކަން ވެސް އޭނާ ތަކުރާރުކުރެއްވިއެވެ. މީކާއީލް ވިދާޅުވީ، ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓުމަށްޓަކައި މިފަދަ ނިންމުންތަކުގައި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވެން ޖެހޭނެ ކަމަށެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































