ކިޑްނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި، ށ. ކޮމަންޑޫގައި ޑަޔަލިސިސް ފަރުވާ ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މިއީ މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މި މުހިންމު ފަރުވާ ޤާއިމުކުރެވުނު އެގާރަވަނަ ރަށެވެ. އަލަށް ހުޅުވުނު މި ސެންޓަރު ފަރުމާކޮށްފައި ވަނީ އެއްފަހަރާ ދެ ބަލިމީހުންނަށް ފަރުވާދެވޭނެ އިންތިޒާމާއެކުގައެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޚާއްޞަ އައިސޮލޭޝަން ކޮޓަރިއެއް ވެސް މި ޔުނިޓުގައި ވަކިން ހުންނާނެއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ކޮމަންޑޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރަށު ކައުންސިލާއި މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ އެރަށުގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ނުހަނު ބޮޑު ތަސައްލީއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ފަރުވާ ހޯދުމަށް ގިނަ ވަގުތު ހޭދަކޮށްގެން ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މާލެއާ އެއް ފެންވަރަކަށް އަތޮޅުތެރޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށާއި، ބޭހުގެ އަގު ހެޔޮކުރުމުގެ އިތުރުން އާސަންދައިގެ ނިޒާމު ހަރުދަނާކޮށް ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply