
ކުރިއަށް އޮތް ސައުވީސް ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކަލުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ، މި ފެން ބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލިބަސްތާ ޖެހުމާއި އޮޅިގަނޑު އުސްކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށެވެ. އަދި ފެނުގެ އަސަރު ފޯރައި ހަލާކުވެދާނެ ފަދަ އަގުބޮޑެތި މުދަލާއި ގޭތެރޭގެ ސާމާނު، ފެން ނުފޯރާނެ ފަދަ ރައްކާތެރި އުސް ތަންތަނަށް ބަދަލުކުރުމަށް ވެސް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން އެއްވެސް ކަހަލަ ކުއްލި އެހީތެރިކަމަކަށް ބޭނުންވެއްޖެ ހިނދެއްގައި، ފަސްޖެހުމެއްނެތި 911އަށް ގުޅުއްވައިގެން ރިޕޯޓުކުރުމަށް ވެސް ކަމާ ބެހޭ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































