
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތަފާތު 20 ދާއިރާއަކުން ފަހުމުނާމާތަކެއްގައި ސޮއިކުރައްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކަކީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރުވެސް ޤާއިމުކުރެވިފައިވާ އެއްބާރުލުމުގެ ގުޅުންތައް އިތުރަށް ފުޅާކޮށް، އައު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރުމަށް ވެވުނު އެއްބަސްވުންތަކެކެވެ. މި ތާރީޚީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާތައް ބަދަލުކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ކެބިނެޓުގެ މުހިންމު ވަޒީރުންނެވެ. އޭގެ ތެރޭގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޑރ. ގީލާ ޢަލީ އަދި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން، އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުން ކަމަށްވާ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފްގެ އިތުރުން ދިވެހިރާއްޖޭން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠޯހާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































