ހއ. ތަކަންދޫއިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބިޖިލީގެ / ހއ. އިހަވަންދޫ، އަޙްމަދު ޝައްމާޚް (26އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ތަކަންދޫ ބަނދަރު ސަރަހައްދުންނެވެ.

މި ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 2.0 ގުރާމުގެ ތަކެތި އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ޝައްމާޚްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Leave a Reply