މާލެ ސިޓީ ކައުންސިލުން މާލޭގެ ގޯޅިތަކުގައި ޕޭމަންޓާއި ރޭމްޕް އެޅުމަށް ސިޓީ ކައުންސިލްގައި މިއަދު މަޝްވަރާކޮށްފިއެވެ.

ސައިކަލު ޕާކުކުރެވެމުންދާ ގުޅޭ ގޮތުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ހުށަހެޅުއްވި މައްސަލާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވަރަށް ގިނަ ގޯޅިތަކުގައި ޕޭމަންޓް ނެތް އިރު ގެއިން ނުނުކުމެވޭ ވަރަށް ސައިކަލު ޕާކުކޮށްފައި އެބަ ހުންނަ ތަން ފެންނަ ކަމަށެވެ. ގެ ކުރިމަތީގައި ޕެލެޓެއް ބާއްވާފައި ނެތް ނަމަ، ބައެއް ފަހަރު ޕެލެޓް ހުރި ނަމަވެސް ނުކުމެވޭ ގޮތް ނެތިގެން އުޅެން ޖެހޭ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ގިނަ ކައުންސިލަރުން ވެސް މި ކަން ފާހަގަކުރެއްވުމުން، މޭޔަރު އާޒިމް ވިދާޅުވީ ކޮންމެ ކައުންސިލަރަކު ވެސް އެ ކައުންސިލަރެއް ތަމްސީލްކުރައްވާ ދާއިރާއިން ގޯޅިތަކުގެ ހާލަތު ހުރި ރިޕޯޓެއް ކައުންސިލަށް އެރުވުން މުހިންމު ކަމަށެވެ. އެ ގޮތަށް ރިޕޯޓް ހުށަހެޅުމުން، އެ ކަމަށް ރިއާޔަތްކޮށް ކައުންސިލަށް ކުރެވެން ހުރި ކަންކަން ބެލުމަށްފަހު ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

“އަޅުގަނޑު އެދެނީ ތިއިން ކޮންމެ ބޭފުޅެއްގެ ދާއިރާގައި މި ގޮތަށް ހުރި ތަންތަން ފާހަގަކޮށް، ރިޕޯޓެއްގެ ސިފައިގައި ގެނެސްދެއްވާށޭ. އޭރަށް އަޅުގަނޑުމެންގެ ރިލެވެންޓް ސެކްޝަންތަކާ ގުޅިގެން އެ ކަންކަން އިމްޕްލެމެންޓް ކުރަން ފަށާނަން”އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ކަމަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށެވެ. ޕެލެޓް ބެހެއްޓުމުން ކޮންމެ ފަހަރަކު ފުލުހުން ގެންގޮސް ޕެލެޓް ނެގުމާއި، ގެތައް ކުރިމަތީ ސައިކަލު ބެހެއްޓުމުން ފުލުހުން ގޮސް ސައިކަލު ނަގައި ޓޯކުރުމަކީ ކޮންމެ ދުވަހަކު ވެސް ކުރާ ކަމެއް ކަން އާޒިމް ފާހަގަކުރެއްވިއެވެ. ކޮންމެ ދުވަހަކު ގަވައިދުން އެ ކަން ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް މުޅިން އާ މައްސަލަތަކެއް އަނެއްކާ ހުށަހެޅިގެންދާ ކަމަށެވެ.

“ދޮރާ ދިމާލުގައި ޕޭމަންޓެއް ނެތިއްޔާމުން އޭނާއަށް ގެއިން ބޭރަކަށް ނުނުކެމެވޭނެ. އަޅުގަނޑުމެން މީހުން ގެއިން ނުކުމެ ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެ ކައުންސިލުން. އެ ޒިންމާއަކުން އަޅުގަނޑުމެންނަށް ނުއެއް ރެކެވޭނެ. ޕޭމަންޓް ނެތް ތަނެއް ވިއްޔާ ޕޭމަންޓް ހަދައިދީގެން ނަމަވެސް އަޅުގަނޑުމެން އެ ތަނަށް ވަދެ ނުކުމެވޭ ގޮތް ހަދައިދޭން ޖެހޭނެ”އާޒިމް ވިދާޅުވިއެވެ.

މި މައްސަލާގައި ވާހަކަ ދެއްކެވި ކޮންމެ ކައުންސިލަރަކު ވެސް ވަނީ އެފަދަ ގޯޅިތައް ފާހަގަކޮށް ރިޕޯޓެއް ތައްޔާރުކުރުމަށްފަހު، ޕޭމަންޓާއި ޑިސެބިލިޓީ ރޭމްޕްތައް ބެހެއްޓުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ.

Leave a Reply