މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގުއެވެ. އަދި ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.

އެ އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ހާއްސަ، 14.6މީޓަރު ފުން މިނުގެ 375މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5މީޓަރުގެ ފުން، 820މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.

އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިއްމު އެތައް މައްސަލައަކަށް ހައްލުހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

އެ އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

Leave a Reply