މާތްވެގެންވާ ޙައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާ ޙައްޖުވެރިންގެ ތެރެއިން ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް، ކިއުގައި މަޑުކުރަން ނުޖެހި ފަސޭހަކަމާ އެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ފަރުވާ ލިބޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ޙައްޖުގެ މަތިވެރި އަޅުކަން ނިންމަވާފައި ވަޑައިގަންނަވާއިރު އެއްވެސް ވަރަކަށް ބަލީގެ އަސަރެއް ހުރިކަމަށް ޝައްކުކުރެވޭ ނަމަ، ލަސްނުކުރައްވައި އެ ހޮސްޕިޓަލުގެ ކުއްލި ފަރުވާދޭ ޑިޕާޓްމަންޓަށް ވަޑައިގެން ކައުންޓަރުގައި އިންނަވާ މުވައްޒަފަށް އެކަން އެންގެވުމުން އަވަސް ޚިދުމަތް ލިބިގެންދާނެއެވެ. ހަމައެހެންމެ، އެހެނިހެން އާއްމު ބަލިތަކަށް ޞިއްޙީ ފަރުވާ ބޭނުންވާ ޙައްޖުވެރިންނަށް ވެސް އިމަޖެންސީ ރޫމް މެދުވެރިކޮށް ލަސްނުކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޑޮކްޓަރަށް ދެއްކުމަށް ވަޑައިގަންނަވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށް އައިޖީއެމްއެޗުން ވަނީ ޚާއްޞަ އިލްތިމާސެއް ކޮށްފައެވެ.

ޙައްޖު މޫސުމާ ގުޅިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ރޯގާ ފެތުރޭ މިންވަރު އިތުރުވާތީ، ޙައްޖުވެރިންނަށް މަރުޙަބާ ކިޔުމަށް ވައިގެ ބަނދަރަށްދާ ފަރާތްތަކުންނާއި އާއްމު ރައްޔިތުންވެސް ބަލިމަޑުކަމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ.

Leave a Reply