ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ކަނޑައެޅި އީކޮމާސް މުއާމަލާތްތަކުގެ ލިމިޓުގެ ތެރޭގައި އާންމުކޮށް ކަނޑާ ސަބްސްކްރިޕްޝަން ފީތައް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދީ، އެފަދަ ޕޭމަންޓްތައް ހެދުމުގައި ދިމާވާ މައްސަލަތައް ރިޕޯޓުކުރުމުން ލަސްނުކޮށް ހައްލުކޮށްދޭނެ ކަމަށް އެ ބޭންކުން އިއްޔެ އިއުލާނުކޮށްފިއެވެ.

އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ ބޭރު ފައިސާގެ ބަޖެޓު ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި، ގައުމީ ބޭންކުން ވަނީ ކޮންމެ މީހަކަށް ވެސް މަހެއްގެ މައްޗަށް ކުރެވޭނީ 30 އީކޮމާސް މުއާމަލާތް ކަމުގައި ދާދި ފަހުން ކަނޑައަޅާފައެވެ. މި ބަދަލާ އެކު، ބައެއް އާންމު ޚިދުމަތްތަކަށް މަހުންމަހަށް ކަނޑަންޖެހޭ ފައިސާ ނުކެނޑޭކަމުގެ ގިނަ ޝަކުވާތަކެއް ކަސްޓަމަރުންގެ ފަރާތުން އަންނަނީ ލިބެމުންނެވެ.

އާންމުންގެ މި ކަންބޮޑުވުންތަކަށް ޖަވާބުދާރީވަމުން، މީސްމީޑިއާ މަންސަ އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލްއިން ސާފުކޮށްދީފައި ވަނީ ދުވަހުން ދުވަހަށް ބޭނުންކުރެވޭ ބޭރު ފައިސާގެ ލިމިޓުގެ ތެރޭގައި ސަބްސްކްރިޕްޝަންތައް ނުގުނާނެ ކަމަށެވެ. އަދި ޓެކްނިކަލް މައްސަލައަކާ ހުރެ އެފަދަ ފައިސާއެއް ނުދެއްކިއްޖެ ހާލަތެއްގައި، ވީހާވެސް އަވަހަކަށް އެކަން ބޭންކުގެ ސަމާލުކަމަށް ގެނައުމުން އެކަމަށް އެކަށީގެންވާ އަވަސް ފަރުވާއެއް ހޯދައިދޭނެ ކަމަށް ވަނީ ބުނެފައެވެ.

ބޭރު ފައިސާގެ ތަދުކަން އިންތިހާއަށް އޮތް ނަމަވެސް، ބީއެމްއެލްއިން އަންނަނީ ވިޔަފާރިވެރިންނާއި އާންމުންނަށް ބޭނުންވާ ޑޮލަރު މެދުކެނޑުމެއްނެތި ދޫކުރަމުންނެވެ. އެގޮތުން، ފާއިތުވި މަހުގެ ނިޔަލަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތައް މެދުވެރިކޮށް 198 މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ބޭންކަށް ގަނެވުނު ޑޮލަރަށްވުރެ އިތުރަށް 69 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Leave a Reply