އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހދ. ކުޅުދުއްފުށި ސިޓީގައި “ރިބާޠު 2″ގެ ނަމުގައި ބިނާކުރާ ބޮޑު ވަޤުފު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ދަށުން ކުރިއަށްގެންދާ މި އިންވެސްޓްމަންޓުގެ އަގަކީ 10 މިލިއަން ރުފިޔާއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި މަލްޓިޕާޕަސް ކޮމްޕްލެކްސްގައި ވިޔަފާރި އުޞޫލުން ދޫކުރާ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، އޮފީސް ޖާގަތަކުގެ އިތުރުން މުޖުތަމަޢުގެ ބޭނުންތަކަށާއި ދީނީ ހަރަކާތްތަކަށް ޚާއްޞަ މާލަންތައް ހިމެނޭނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އެ ސިޓީގެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދާނެއެވެ. އަދި މި އިމާރާތުން ލިބޭ އާމްދަނީ ސީދާ ޖަމާކުރެވޭނީ ވަޤުފު ފަންޑަށެވެ. އެ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ކުޅުދުއްފުށީގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށާއި، ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ އިތުރުން ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުން ފަދަ މުހިންމު ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދު ކުރުމަށެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި ވެސް ވަޤުފުގެ ފައިދާ ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ތިނަދޫ ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވެސް ހަމަ މިފަދަ ވަޤުފު މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

Leave a Reply