މާލެ ސަރަހައްދުގައި ހިނގާ މަގުމަތީގެ އެކިއެކި ކުށްތައް، ޚާއްސަކޮށް ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަތައް ހައްލުކުރުމުގެ ބޭނުމުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ކުށް ދެނެގަނެ، ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް މެސެޖުންނާއި އީމެއިލް އިން އެކަން އަންގާ އައު ނިޒާމެއް ތައާރަފުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

މި އައު ބަދަލާ އެކު، ފުލުހުން އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ވަގުތުން ވަގުތަށް ކުށްކުރާ ފަރާތްތަކަށް އެނގިގެންދާނެއެވެ. އެހެންކަމުން، މި ނިޒާމުގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ ‘ސިމްސް’ ޕޯޓަލް މެދުވެރިކޮށް ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ މުވާސަލާތީ މައުލޫމާތުތައް އަދާހަމަކުރުމަށް އެ ވުޒާރާއިން ވަނީ އާންމުންނަށް ގޮވާލައްވާފައެވެ.

ފުރަތަމަ މަރުހަލާގައި މި ނިޒާމު އެންމެ ބޮޑަށް އަމާޒުކުރާނީ މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށެވެ. މީގެ ތެރޭގައި ތައުލީމުދޭ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ސަރަހައްދުތަކާއި، ކަފިހިހުރަސްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ޕާކިން ޖާގަތަކަށް ނުހައްގުން އަރައިގަންނަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް މިނިސްޓްރީން ހާމަކުރައްވައެވެ.

މިގޮތުން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ މާލޭގެ މަގުތަކުގެ ތެރޭގައި އަމީނީ މަގާއި، މަޖީދީ މަގާއި، ބޮޑުތަކުރުފާނު މަގުގެ އިތުރުން ސޯސަން މަގު ހިމެނެއެވެ. ހަމައެއާ އެކު، ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ މައިގަނޑު ހިނގުންތަކާއި މަގުތައް ކަމަށްވާ ނިރޮޅު މަގު، ހިތިގަސް މަގު، ރީތިގަސް މަގު، ބަގީޗާ ހިނގުން، ބޯށިމާ ހިނގުން، ސައިމާ ހިނގުން، ހަނދުވަރީ ހިނގުން، ބެރެބެދިމާ ހިނގުން އަދި ގުލްއަލާމާ ހިނގުމުގައި ވެސް މި އުސޫލު ހަރުކަށިކަމާ އެކު ތަންފީޒުކުރެވޭނެއެވެ.

ވެރިރަށް މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ފިޔަވަޅުގެ މައިގަނޑު މަގުސަދެވެ. ޤަވާއިދާ ޚިލާފަށް އުޅަނދުތައް ބެހެއްޓުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ ތަކެއްޗަށް ކުރިމަތިވާ ދަތިތަކާއި ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

Leave a Reply