
ހދ. ނޮޅިވަރަންފަރަށް ބޭނުންވެފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާއި، އެ ރަށަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި އެ ރަށު ކައުންސިލާ ދެމެދު މިއަދު ހެނދުނު ރައީސް އޮފީހުގައި މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަވާފައެވެ. އޭގެ ތެރޭގައި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ލަސްނުކޮށް ފެށުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހަމައެއާ އެކު، ޒުވާނުންނަށް ބޭނުންވާ ފުޓްބޯޅަ އަދި ފުޓްސަލް ދަނޑުގެ އިތުރުން ކުޅިވަރުގެ އެހެނިހެން ވަސީލަތްތައް ފެންވަރު ރަނގަޅު ގޮތެއްގައި ޤާއިމުކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ވެސް، ރަށުގެ އިޤުތިޞާދާއި އިޖުތިމާޢީ ދުޅަހެޔޮކަމާ ގުޅިފައިވާ ބަނދަރު އަޕްގްރޭޑްކުރުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލުން ހުށަހެޅުއްވިއެވެ. މި ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ކައުންސިލުން ހުށަހެޅުއްވި ކަންކަން ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ވަރަށް ގާތުން މޮނިޓަރކުރައްވަމުން ގެންދަވާނެ ކަމަށާއި، އެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































