ނޯވޭގެ އާ ރަސްގެފާނު ހޯކަން 8ވަނަ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ނޯވޭގެ ރަސްގެފާނުގެ މަގާމު ފުުރުއްވަމުން ގެންދެވި ހެރަލްޑް ފަސް ވަނަ އަވަހާރަވީ މިދިޔަ މަހުގެ 28ވަނަ ދުވަހު މަދުން ނޫނީ ނުފެންނަ ލޭގެ ބައްޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ވަނީ ރަސްގެފާނުގެ މަގާމަށް ހޯކަން 8ވަނަ ރަސްގެފާނުކަމުގެ ހުވާ ކުރައްވައިފައެވެ.

އެ އިހުތިފާލާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ނޯވޭގެ ރަސްކަމުގެ ދިގު ތާރީހީ އާދަކާދަތަކާއި ދެމެހެއްޓެނިވި އަގުތައް ނަގަހައްޓަވައި، އެ ގައުމުގެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ރަސްގެފާނު ހޯކަން 8ވަނައިގެ ހާބިލު ލީޑާޝިޕާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވިއެވެ.

އަދި ދެ ގައުމުގެ މެދުގައި އޮތް ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖެއާއި ނޯވޭއާ ދެމެދު އޮތީ އިހުތިރާމާއި ބަދަހި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް އެކުވެރި ގުޅުމެއްކަން ރައީސް މުއިއްޒޔ ފާހަގަކުރެއްވި އެވެ. އަދި ރަސްގެފާނު ހޯކަން 8ވަނައިގެ ރަސްކަމުގައި ދެ ގައުމުގެ މެދުގައިވާ އެކުވެރިކަމާއި ބިނާކުރަނިވި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނު ހޯކަން އަށް ވަނައަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަންވެސް އެމަނިކުފާނުގެ މެސެޖުގައި ހާމަކުރެއްވިއެވެ.

Leave a Reply