މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާޑް އައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.

އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން – “ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް”ގެ 35ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެވިގެން އެފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޢަދަދު އަހަރަކު 18ބިލިއަނާއި 37ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށާއި، އޭގެ ތެރޭގައި ޓްރާންސް-ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ ޢަދަދަކަށް ހިމެނޭކަން އައްބާސް ފާހަގަކުރެއްވިއެވެ.

އެހެންވެ އެފަދަ ސްކޭމްތައް ހުއްޓުވުމަކީ ގައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، އެ މަސައްކަތްކުރެވޭނީ ގައުމުތަކުގެ ގާނޫނު ތަންފީޒްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކޮށް ގުޅިގެން ތަހުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެންކަމަށް ޕީޖީ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ގައުމުގައި ހުރީ އެކިވަރަށްކަމުން، އެއް ގައުމުގައި ހުންނަ ވަސީލަތް އަނެއް ގައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އައްބާސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުދި ގައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް އައްބާސް ވިދާޅުވިއެވެ.

އަދި ރާއްޖެއިން އޮތީ އެ ދާއިރާއިން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ގައުމުތަކުން ހިންގާ އެ ބާވަތުގެ ތަހުގީގުތަކަށް ރާއްޖެއަށް ދެވެން އޮތް އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމަށް އައްބާސް ވިދާޅުވިއެވެ.

Leave a Reply