
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ 38ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ އޮޑިޝަން ބުރު، 3050 ބައިވެރިންނާ އެކު އަންނަ ހުކުރު ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، އެންމެ ފުރަތަމަ އޮޑިޝަންތައް އޮންނާނީ އުތުރުގެ ރަށްތަކުގައެވެ. އެގޮތުން ޖޫން މަހުގެ 5 އިން 6 އަށް ހއ. ދިއްދޫއާއި ހޯރަފުށީގެ އިތުރުން ށ. ފުނަދޫ އަދި ނ. މަނަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކިޔެވުން ކުރިއަށްދާނެއެވެ. މީގެ އިތުރުންވެސް، ޖޫން މަހުގެ 12 އިން ފެށިގެން އެ މަހުގެ ނިޔަލަށް އެކި ތާރީޚުތަކުގައި އެހެނިހެން ރަށްރަށުގައި މި ބުރުގެ ކިޔެވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވެރިރަށް މާލޭ ސަރަޙައްދުގައި އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ. މާލެ އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ޖުލައި މަހުގެ 3 އިން 4 އަށް އޮޑިޝަން ބާއްވާއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ކުރިމަތިލި ފަރާތްތަކުގެ ކިޔެވުން އޮންނާނީ ޖުލައި 5 އިން 11 އަށެވެ.
އަތޮޅުތެރެއާއި މާލޭގެ އޮޑިޝަންތަކަށް ފަހު، މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. އަދި މި މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން ފައިނަލް ބުރުގެ ކިޔެވުންތައް މާލޭގައި ކުރިއަށްދާނީ ސެޕްޓެމްބަރު 11 އިން 19 ގެ ނިޔަލަށެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































