
މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު އެގާރައަށް އަރައިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި ބަލީގެ ނުރައްކާ އޮތުމާ އެކު، ހުން އައުމަށް ފަހު ހަށިގަނޑުގައި ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެ އިދާރާއިން ވަނީ އާންމުންނަށް ގޮވާލާފައެވެ. އަދި ސިއްޙީ ފަރުވާ ހޯދުމަށް ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓުކޮށްފި ހިނދެއްގައި، އޭގެ ނަތީޖާ ލިބެންދެން މީހުންނާ އެކަހެރިވެ ގޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އަންގާފައެވެ.
ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ “މީސްލްސް” ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްޙީ ތަޖުރިބާކާރުން ބަޔާންކުރައްވާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ވައިރަސް ވާސިލު ވަނީ ހަށިގަނޑުން ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ފާއިތުވަންދެން އޮންނަ މުއްދަތުގެ ތެރޭގައެވެ.
އުމުރުފުރާގެ ތަފާތެއް ނެތި ކޮންމެ މީހަކަށް ވެސް މި ބަލި ޖެހުމުގެ ނުރައްކާ އޮތް ނަމަވެސް، މިއީ ގިނައިން ކުޑަކުދިންނަށް ކުރިމަތިވާ ސިއްހީ މައްސަލައެކެވެ. މިއިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ހަތިޔާރަކީ ވެކްސިން ފުރިހަމަކުރުމެވެ. އެހެންކަމުން، ރާއްޖޭގެ ގައުމީ ވެކްސިން ތާވަލުގެ ދަށުން، ކުއްޖާއަށް ނުވަ މަސް ފުރޭއިރު ދޭ އެމްއާރު އަދި އެމްއެމްއާރު ވެކްސިން ގަވާއިދުން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































