
އިސްރާފު ކުޑަކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ލަފާކުރި މިންވަރަށްވުރެ ފާއިތުވި އަހަރު ދައުލަތުން ކުރި ޚަރަދު 5 ބިލިއަން ރުފިޔާ ދަށްކޮށްފިއެވެ.
ދައުލަތުގެ މާލިއްޔަތާބެހޭ ވުޒާރާގެ ހިސާބުތައް ބުނާގޮތުން، ނިމިދިޔަ އަހަރު ޚަރަދުވާނެ ކަމަށް ފާސްކުރި 49.2 ބިލިއަން ރުފިޔާގެ ބަޖެޓުން އަމަލީގޮތުން ހޭދަކޮށްފައި ވަނީ 44.2 ބިލިއަން ރުފިޔާއެވެ. މި ބޮޑު ބަދަލާ އެކު، 9.4 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް އަންދާޒާކުރި ބަޖެޓުގެ ޑެފިސިޓް (ދަރަނި) ވަނީ 4.4 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ބަލާނަމަ އެންމެ 3.6 އިންސައްތައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2020 ގައި 16.6 އިންސައްތައިގައި ހުރި ޑެފިސިޓް، އޭގެ ފަހުން އުޅުނީ 8 އާއި 10 އިންސައްތައާ ދެމެދުގައެވެ. އެހެންކަމުން މިއީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ޑެފިސިޓް މިހާ ބޮޑަށް ދަށްކުރެވުނު ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީ ހާސިލުކޮށްފައި ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި، ފެނާއި ނަރުދަމާ ފަދަ ވަސީލަތްތަކުގެ އަގުތަކާއި، ސަބްސިޑީތައް އަދި އިޖުތިމާޢީ ރައްކާތެރި ކަމަށް އެއްވެސް އުނިކަމެއް ނުގެނެހެވެ. އޭގެ ބަދަލުގައި، ސަރުކާރުން އަމާޒުހިފީ ކެޕިޓަލް އަދި ރިކަރަންޓް ޚަރަދުތައް ހިފެހެއްޓުމަށާއި، އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށެވެ. މިގޮތުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ތެރެއިން ހޭދަވީ 12.5 ބިލިއަން ރުފިޔާއެވެ. ހަމައެއާ އެކު، ލޯނުތަކުގެ އިންޓްރެސްޓަށް ދައްކަންޖެހޭނެ ކަމަށް ބެލެވުނު 5.6 ބިލިއަން ރުފިޔާ ވެސް ވަނީ 4.8 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.
ޚަރަދު ކުޑަކުރުމުގެ އިތުރުން، އާމްދަނީ ހޯދުމުގައި ވެސް ސަރުކާރުން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު 39.9 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ޖަމާވެފައެވެ. މިއީ 2019ވަނަ އަހަރުން ފެށިގެން ބަލާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ ގަވާއިދުތައް ތަންފީޒުކުރުން ހަރުކަށިކޮށް، ޓެކްސް ނޫން އާމްދަނީންނެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާއާއި، ރިސޯޓު ކުލީގެ ގޮތުގައި ލިބުނު 2.1 ބިލިއަން ރުފިޔާ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބުނު 793.4 މިލިއަން ރުފިޔާ ހިމެނެއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































