
ބުކިންޑޮޓްކޮމްގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި ބުކިންޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލުމަށް އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށާއި މިއީ ރީފަންޑު ދޭން ވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ބޭނުންކުރާ ފިޝިން ލިންކެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ހިއްސާ ކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި:
- ‘1474’ ނަމްބަރުން ބުކިންޑޮޓްކޮމް ކަމަށް ބުނެ 9،600ރ. ގެ ރިފަންޑު ލިބިގަތުމަށް އެކައުންޓް ވެރިފައި ކުރުމަށް ލިންކެއް ފޮނުވާފައިވޭ
- ފައިސާ ބޭނުންވާނަމަ 24 ގަޑިއިރުގެ ތެރޭގައި އެކައުންޓް ވެރިފައި ކުރުމަށް ބުނެފައިވޭ
މީގެ އިތުރުން އެއްވެސް ކުންފުންޏަކުން ރީފަންޑު ދިނުމަށް ކާޑުގެ ނަމްބަރާއި މުއްދަތު ހަމަވާ ތާރީހު ހޯދުމަށް ލިންކެއް ނުފޮނުވާނެ ކަމަށާއި އެފަދަ ކަންކަމަށް ރައްކާތެރިވުމުގެ ގޮތުން ލިންކުތަކަށް ނުފިތުމަށާއި އޯޓީޕީ އާއި ކާޑުގެ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އަދި ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ، އެކަންކަން އަމިއްލައަށް ޗެކްކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































