
މިދިޔަ އެޕްރީލް މަހު ރާއްޖޭގެ ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިގެން ގޮސްފައި ވަނީ ކައްކާ ގޭހާއި މަހުގެ ބާވަތްތަކުގެ އަގު ކަމަށް ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ޓެޓިސްޓިކްސް (އެމްބީއެސް) އިން ނެރޭ އަސާސީ މުދަލުގެ އަގަށް އައިސްފައިވާ ބަދަލު ދައްކާ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އޭޕްރީލް މަހު ޒަރޫރީ މުދަލުގެ އަގުތައް ވަނީ 1.19 އިންސައްތަ މައްޗަށް ގޮސްފައެވެ. އަދި ވޭތުވެދިޔަ 2025ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު (އަހަރުން އަހަރަށް) މި ބާވަތްތަކުގެ އަގުތައް ވަނީ 5.77 އިންސައްތަ މަތިވެފައެވެ.
އާންމު ދިރިއުޅުމަށް އެންމެ މުހިންމު އެއް ބާވަތް ކަމަށްވާ ކައްކާ ގޭހާއި އެހެނިހެން ފިއުލްގެ ބާވަތްތަކުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މާރިޗު މަހާ އަޅާބަލާއިރު 5.40 އިންސައްތަ އިތުރުވެފައިވެއެވެ. އަދި މި ބާވަތުގެ އަގަށް އައި ބަދަލު އަހަރުން އަހަރަށް ބަލާނަމަ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ ބޮޑުތަނުން، އެއީ 22.36 އިންސައްތަ މައްޗަށް ގޮސްފައެވެ.
އޭޕްރީލް މަހު ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވަނީ 0.89 އިންސައްތަ މަތިވެފައެވެ. އަދި އަހަރުން އަހަރަށް ބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 5.22 އިންސައްތަ ބޮޑުވެފައެވެ.
އަގު އެންމެ ބޮޑުވި ބާވަތްތައް – އެންމެ ބޮޑު ކުރިއެރުމެއް އައީ މަހުގެ ބާވަތްތަކުގެ އަގުންނެވެ. އެއީ 10.84 އިންސައްތައެވެ. މީގެ އިތުރުން ކައްކަން ބޭނުންކުރާ ތެލާއި ފެޓްސްގެ ބާވަތްތަކުގެ އަގު ވަނީ 3.69 އިންސައްތަ މަތިވެފައެވެ.
އަގު ދަށަށްދިޔަ ބާވަތްތައް – ކާބޯތަކެތީގެ އަގުތައް މަތިވި ނަމަވެސް، ތަރުކާރީގެ އަގުތަކުން 3.52 އިންސައްތަ އަދި މޭވާގެ އަގުތަކުން 1.33 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































