ތުރުކީވިލާތުގެ ހުޅަނގުގައި ދަތުރުވެރިން އުފުލާ ބަހެއް އެކްސިޑެންޓުވެ އަލިފާން ރޯވުމުގެ ސަބަބުން އަށް މީހަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް މިއަދު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ފޮނުއްވި މި މެސެޖުގައި، އެތައް ބަޔަކު ޒަޚަމްވެ ފުރާނަ ގެއްލިގެންދިޔަ މި ނުރައްކާތެރި ހާދިސާގެ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުކަން ފާހަގަކުރައްވައި، މަރުވި މީހުންގެ ޢާއިލާތަކަށާއި ތުރުކީގެ އާންމު ރައްޔިތުންނާއި ސަރުކާރަށް ރައީސް ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން، މި ފަދަ އުނދަގޫ ހިތްދަތި ވަގުތެއްގައި ދިވެހިންގެ ހެޔޮ ދުޢާތައް ވަނީ ތުރުކީގެ ރައްޔިތުންނާއެކުކަން ހާމަކުރައްވައި، ހާދިސާގެ ޝިކާރައަކަށްވި ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި އެމަނިކުފާނު ވަނީ މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

Leave a Reply