
ށ. ގޮއިދޫގައި ދައުލަތުގެ ޒިންމާދާރު މަގާމެއް އަދާކުރަމުންދާ ފަރާތަކުން، އެ ރަށުގެ ވައިބަރ ގްރޫޕަކަށް ބަދުއަހުލާގީ އަމަލުތަކެއް ފެންނަ ވީޑިއޯއެއް އާންމުކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މެއި މަހުގެ 27ވަނަ ދުވަހު މި މައްސަލަ ފެންމަތިވެ، އާންމުންގެ ކަންބޮޑުވުންތަކާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައިފިއިވާ ކަމަށެވެ. އަދި މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ވަނީ އޭނާ އަދާކުރަމުން އައި ވަޒީފާއިން ވަކިކޮށް، ކަމާބެހޭ ވުޒާރާއިން އެ ފަރާތާމެދު ހަރުކަށި ފިޔަވަޅު އަޅާފައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ މައިގަނޑު ދެ ކަމަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. އެގޮތުން، މުޖުތަމައުގެ ތެރޭގައި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަތުރައި އާންމުކުރި މައްސަލައިގެ އިތުރުން، އެ ވީޑިއޯގައި ފެންނަ ބަދުއަހުލާގީ އަމަލުތައް ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ތަހުގީގީ ޓީމުތަކުން އަންނަނީ ކުރަމުންނެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































