
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ‘އަދަދު’ ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީއެއްގައި ޤަޛުފުކޮށްފައިވާ މައްސަލައިގައި ދަޢުވާލިބޭ އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ ޝަރީއަތް، އަންނަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ނިންމައިފިއެވެ.
ސިއްރު މަޖިލީހެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ދެ ބޭފުޅުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612ވަނަ މާއްދާގެ ދަށުން، ޙަޤީޤަތާ ޚިލާފު ހުތުރު ވާހަކަތަކެއް އެކުލެވޭ ވީޑިއޯއެއް އާންމުކޮށްފައިވާތީއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ވަކި ގޮތެއް ކަނޑައެޅެންދެން މުޖުތަމަޢުގައި އެ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުނުކުރުމަށް އަންގައި އަމުރެއް ނެރެފައެވެ. އަދި އެ އަމުރާ ޚިލާފުވުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ނޫހުން އަދިވެސް އަންނަނީ އެ އަމުރާ ޚިލާފަށް އަމަލުކުރަމުންކަން ފާހަގަކުރެވެއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































