
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ދޭ ގިނަ ހިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކުރަން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެންސްޕާއިން “މެޑިކަލް ވެލްފެއަރ ސްކީމް”ގެ ދަށުން ދެމުންގެންދާ ހިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރާނީ މާދަމާއިން ފެށިގެން ކަމަށެވެ.
އެފަދައިން ނިންމި ސަބަބު ހެލްތު މިނިސްޓްރީއެއް ހާމައެއް ނުކުރެއެވެ.
އާސަންދައިގެ ދަށަށް ބަދަލުކުރާ ހިދުމަތްތައް
1. ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
2. ކެންސަރ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
3. ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން
4. ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް
6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
7. ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވަރ ނުކުރާ ޓެސްޓްތަކާއި ތަޙްލީލްތަކަށް ދެވޭ އެހީ
8. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން (އެސިސްޓިވް ޑިވައިސަސް)އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
9. ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން)އެހީވުން
10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
11. އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
14. މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
15. ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ހާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވިނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
16. ވެލްފެއާގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































