ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދަ ނުކުރައްވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނާއިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައި ވަނިކޮށް ނާޒިމް މިއަދު އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އެއާއެކު ނާއިބު ރައީސްގެ މަގާމަށް ގެންނަން ޕީއެންސީގެ އެކި ބޭފުޅުންގެ ޝައުގުވެރިކަން ހުރި ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އޭގެ ތެރޭގައި ފަލާހު ހިމެނޭކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ނޫހަކުން ވެސް އެފަދައިން ރިޕޯޓްކުރުމުން އެކްސްގައި އޭނާ މިއަދު ވަނީ އެ ވާހަކަތައް  ދޮގުކުރައްވައިފައެވެ.

“ނޫސްތަކުގެ ސަމާލުކަމަށްދަންނަވަން އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން”ފަލާހު ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކަައެއް ފަލާހު ވިދާޅެއް ނުވެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ނައިބު ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގުއާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުން މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާވެސްކޮށްފައެވެ.

Leave a Reply