
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ފަތިހު އައްޑޫ ސިޓީ ހިތަދޫއަށް ޖެހުނު ގަދަ ވަޔާ އެކު އެ ރަށުގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގައި ގެއްލުން ލިބިފައި ވަނީ ހިތަދޫ ‘ހުޅުދުއާގެ’ އަދި ‘އޯކަމްލިވާ’އަށް ކަމަށެވެ. މި ދެ ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން، ލިބުނު ގެއްލުންތައް ހައްލުކުރުމަށް އާންމުންނަށް އެހީތެރިވުމަށް ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ހުޅުދުއާގެއާއި، އޯކަމްލިވާގޭގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. pic.twitter.com/rp3it1qZC9
— Maldives National Defence Force (@MNDF_Official) May 31, 2026
މިކަމާ ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ފުރާޅު އެއްލާލުމުގެ ސަބަބުން ބޯކޮށް ވާރޭވެހި ގޭތެރެއަށް ފެން ވަދެފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ގޭގޭގައި ދިރިއުޅޭ އާއިލާތައް ވަގުތީ ބޯހިޔާވަހިކަމަކަށް ނުވަތަ އެހެން ތަނަކަށް ބަދަލުވާން ނުޖެހޭ ކަމަށާއި، މިހާރު ކަމާގުޅޭ އިދާރާތައް ގުޅިގެން އެ ގެތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، އައްޑޫ ސިޓީއަށް މާދަމާ މޫސުން ތަންކޮޅެއް ރަނގަޅުވި ނަމަވެސް، އަންގާރަ އަދި ބުދަ ދުވަހު އަނެއްކާ ވެސް ވައިގަދަވެ ވިއްސާރަކުރާނެއެވެ. މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ޚާއްސަކޮށް ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































