އުމްރާވެރިންނަށް ލަނޑުދީގެން ޖަލަށް ލި މަޝްއަރު ގްރޫޕްގެ ވެރިޔާ އަލީ ފާރިޝް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖައްސައި މާލެ ނާދެވި އުމްރާވެރިން ތާށިވީ އެ މީހުން މަޝްއަރު ގްރޫޕަށް ދެއްކި ފައިސާތަކަށް އެ ގްރޫޕުން ހިޔާނަތްތެރިވުމުންނެވެ.

އެ މައްސަލައިގައި މަޝްއަރު ގްރޫޕްގެ ވެރިޔާ ފާރިޝް ތިން އަހަރާއި ދެ މަސް ދުވަހާއި 12ދުވަހަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ނަމަވެސް ކަރެކްޝަންސްއިން މިއަދު ބުނީ ފާރިޝްގެ ސިއްހީ ހާލަތު ގޯސްވުމުން މީގެ ދެ ދުވަހެއްހާ ދުވަސްކުރިން އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ގޭބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން މާލެ އައީ އެމީހުން އަންނަން އޮތް ދުވަހަށްވުރެ ހަފްތާއެއްހާ ދުވަސް ފަހުން އުމްރާވެރިން އަމިއްލަައަށް ޓިކެޓް ނަގައިގެންނެވެ.

Leave a Reply