މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ބޭނުމުގައި، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅަން ފަށަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިޤުތިސާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ގެނެވުނު މި އައު ބަދަލާ އެކު، ޤަވާއިދާ ޚިލާފުވާ އުޅަނދުތައް ދެނެގަތުމަށް ޚާއްސަ އިލެކްޓްރޯނިކް ވަސީލަތްތަކާއި ޑިޖިޓަލް އެޕްލިކޭޝަންތައް ބޭނުންކުރަން ފަށާނެއެވެ. މި ނިޒާމުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފިޔަވަޅުއަޅާ ފަރާތްތަކަށް، އެކަން އަންގައި އީމެއިލް އަދި އެސްއެމްއެސްގެ ޒަރީއާއިން މެސެޖު ފޮނުވާނެއެވެ. އެހެންކަމުން، ސިމްސް ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ މުވާސަލާތީ މައުލޫމާތުތައް އަދާހަމަކުރުމަށް އެ ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ބެލެހެއްޓުމުގައި ފުރަތަމަ މަރުހަލާގައި ވަކި ޚާއްސަ ސަރަހައްދުތަކަކަށް އިސްކަންދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ އިތުރުން، ކަފިހިހުރަސްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ޕާކިންގ ޖާގަތައް ހިމެނެއެވެ.

މި އުސޫލު ތަންފީޒުކުރުމަށް މާލޭގެ ބޮޑެތި މަގުތައް ކަމަށްވާ މަޖީދީމަގު، އަމީނީމަގު، ސޯސަންމަގު އަދި ބޮޑުތަކުރުފާނުމަގު ވަނީ ފާހަގަކޮށްފައެވެ. ހަމައެއާ އެކު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅުމަގު، ހަނދުވަރީ ހިނގުން، ހިތިގަސްމަގު، ބަގީޗާ ހިނގުން، ރީތިގަސްމަގުގެ އިތުރުން ދެވަނަ ފިޔަވަހީގެ ގުލްއަލާމާ ހިނގުން، ނިރޮޅުމަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސްމަގުގައި ވެސް މި އުސޫލުގެ ދަށުން ޚާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކް ބަލަހައްޓަމުން ގެންދާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

Leave a Reply