351 ބައިވެރިންނާ އެކު ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ހަތަރުވަނަ ބެޗުގެ ބައިވެރިން ޅ. މާފިލާފުށީގައި ހުންނަ ތަމްރީނު މަރުކަޒަށް ފުރައިފިއެވެ.

އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާއަށް ދެމިގެންދާގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ރާއްޖޭގެ 20 އަތޮޅަކުން 126 ރަށަކަށް ނިސްބަތްވާ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ މި ބައިވެރިންގެ ތެރޭގައި ހިމެނެނީ 287 ފިރިހެނުންނާއި 64 އަންހެނުންނެވެ. ދިވެހި ވަޠަނީ ޚިދުމަތާ އަލަށް ގުޅޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ މި ކޯހުގެ މައިގަނޑު އެއް މަޤުޞަދަކީ ދިވެހި ޤައުމިއްޔަތާއި ދީނީ ތަރުބިއްޔަތުގެ އިތުރުން ލީޑަރޝިޕާއި ރަނގަޅު އަޚުލާޤު ޒުވާނުންގެ ކިބައިގައި އަށަގެންނެވުމެވެ.

ހަމައެއާ އެކު، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ދުޅަހެޔޮ، ޒިންމާދާރު ބަޔަކަށް މި ޒުވާނުން ހެދުމަށްޓަކައި ދިރިއުޅުމުގެ އެކި ހުނަރުތައް ވެސް މި މުއްދަތުގެ ތެރޭގައި އުނގަންނައިދެވޭނެއެވެ. ޒުވާނުން ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތުގެ ދަށުން ހިންގާ މި ހަރަކާތަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކު އުފެއްދުމަށް މުހިންމު ދައުރެއް އަދާކުރާ ޕްރޮގްރާމެކެވެ.

މި ޓްރޭނިންގ ކާމިޔާބުކަމާ އެކު ނިންމާ ފަރާތްތަކަށް، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ސެޓުފިކެޓުގެ އިތުރުން އެހެނިހެން މުހިންމު ސަނަދުތަކެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ފުރަތަމަ އެހީއާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ޕިއަރ އެޑިއުކޭޝަން އަދި ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް ފަދަ ދާއިރާތަކުގެ ސެޓުފިކެޓުތައް ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި ޕްރޮގްރާމުގެ ތިން ބެޗެއް ވަނީ ފުރިހަމަކޮށްފައެވެ. އެ ބެޗުތަކުގައި ޖުމުލަ 1028 ޒުވާނުން ވަނީ ތަމްރީނު ހާސިލުކޮށްފައެވެ.

Leave a Reply