
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ފުށިދިއްގަރުފަޅުގައި ކުރިއަށްގެންދާ “ރަސްމާލެ” މަޝްރޫއު ހުއްޓުވައި އެއްބަސްވުން ބާތިލުކުރުމަށް އެދި ކުރީގެ މެންބަރު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ، އެ ކޯޓުގެ ފުރަތަމަ މަރުހަލާއިން ބެލެން ނެތްކަމަށް ކަނޑައަޅައި އެ މައްސަލަ ކޯޓުގެ ރަޖިސްޓްރާ މިއަދު ބޭރުކޮށްލައްވައިފިއެވެ.
މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި މައިގަނޑު ސަބަބަކީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، ސީދާ އެ ކޯޓަށް ފުރަތަމަ މަރުހަލާގައި ހުށަހެޅޭނެ ބާވަތުގެ މައްސަލައަކަށް ނުވުމެވެ. އެ ޤާނޫނުގެ 11ވަނަ މާއްދާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބަލާނީ ދައުލަތުގެ ބާރުތަކުގެ މެދުގައި އުފެދޭ ދުސްތޫރީ ބޮޑެތި މައްސަލަތަކާއި، ޤައުމު ހުސްކަމަކަށް ގޮސްދާނެފަދަ ހާލަތްތަކުގެ އިތުރުން މުޅި ޤައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ހައްސާސް މައްސަލަތައް އެކަންޏެވެ. ނަމަވެސް، ރަޖިސްޓްރާގެ މި ނިންމެވުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ނުވަތަ ރިވިއުކުރުމުގެ ހައްގު މައްސަލަ ހުށަހެޅުއްވި ފަރާތަށް އޮންނާނެއެވެ.
ޤާނޫނީ ވަކީލުކަން ވެސް ކުރައްވާ ޢަލީ ޙުސައިން މި މައްސަލަ ހުށަހެޅުއްވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށް ބަޔާންކުރައްވައެވެ.
“މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ”ގެ ނަމުގައި އީގަލް ހިލްސްއިން ތަރައްގީކުރާ މި ބިޔަ މަޝްރޫއަކީ ފެށޭއިރު ވެސް 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މުއްދަތުގެ ތެރޭގައި 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ ސީދާ އިންވެސްޓްމަންޓެއް ރާއްޖެއަށް ވަންނާނެއެވެ. އަދި މިތަނުން ވިއްކާ ބިންތަކާއި އިމާރާތްތަކުން ލިބޭ އާމްދަނީ ޖަމާކުރުމަށް ހަމަޖެހިފައި ވަނީ ސީދާ ދިވެހި ސަރުކާރުގެ ބާރު ހިނގާ ގޮތަށް ރާއްޖޭގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































