
‘ރަސްމާލެ’ މަޝްރޫއުގެ ތެރެއިން އެއްވެސް ބާވަތެއްގެ ޕްރޮޕަޓީއެއް އިސްރާއީލުގެ ރައްޔިތުންނަށާއި އެ ޤައުމާ ގުޅުން ހުރި ކުންފުނިތަކަށް ނުގަނެވޭނެކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އިއްޔެ ލިންކްޑްއިން މެދުވެރިކޮށް ހާމަކުރައްވައިފިއެވެ.
މި ނިންމުމުގެ ދަށުން، ހަމައެކަނި ގަންނަ ފަރާތްތަކުގެ އިތުރުން ސޭލްސް އޭޖެންޓުންނާއި، ޙިއްޞާދާރުން އަދި ފައިނޭންސްކުރާ ފަރާތްތަކުގެ ތެރޭގައި ވެސް އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ފުރުޞަތެއް ނުދެވޭނެއެވެ. ވަޒީރު ވިދާޅުވިގޮތުގައި ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މިހާރުގެ އަދި ކުރީގެ ރައްޔިތުކަން ސާފުކުރުން މަޖުބޫރުވާނެއެވެ. އަދި މިފަދަ މަޢުލޫމާތެއް ސިއްރުކޮށްފިނަމަ ނުވަތަ އޮޅުވާލައިފިނަމަ، ވެފައިވާ އެއްބަސްވުން ވަގުތުން ބާޠިލުކޮށް، ގަނެފައިވާ މުދަލާއި ދައްކާފައިވާ ފައިސާ ދައުލަތަށް ނެގޭނެ ހަރުކަށި އުޞޫލެއް ޤާއިމުކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބިން މިލްކުކުރުމުގެ ބަދަލުގައި ހަމައެކަނި ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން ކުއްޔަށް ދޫކުރާ ގޮތަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، ވަކި ޤައުމެއްގެ ބަޔަކު މާގިނައިން ޕްރޮޕަޓީ ގަތުން ހުއްޓުވުމަށްޓަކައި ވަކި ލިމިޓުތަކެއް ކަނޑައެޅޭނެއެވެ. ނަމަވެސް، މި ލިމިޓުތައް ދިވެހިންނަށް ނުހިނގާނެ ކަމަށާއި، ކޮންމެ ފިޔަވައްސެއްގައި ވެސް ދިވެހިންނަށް އިސްކަންދީ، ދިވެހި ރުފިޔާއިން މުއާމަލާތްކުރެވޭނެ މަގު ތަނަވަސްކޮށްދެވޭނެކަން މުއްޠަލިބް ފާހަގަކުރެއްވިއެވެ.
ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވާލެވިފައި އޮތް ނަމަވެސް، މުޅި މަޝްރޫއު ހިނގާނީ ސީދާ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ މަތިންނެވެ. ބޭރު މީހުންނަށް ވިސާ ދޫކުރުމުގެ މުޠުލަޤު ބާރު ދިވެހި ސަރުކާރަށް އޮންނައިރު، މި މަޝްރޫއުގެ ތެރެއިން އެއްވެސް ބިދޭސީއަކަށް ރާއްޖޭގެ ރައްޔިތުކަން ނުވަތަ ދާއިމީ ރަށްވެހިކަން ނުލިބޭނެކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމަށްވާ “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ”އަކީ އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކުރާ މަޝްރޫއެކެވެ. މިއީ ފުރަތަމަ މަރުޙަލާގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓަކާ އެކު ފެށޭ، އަދި ޖުމްލަ 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ ސީދާ އިންވެސްޓްމަންޓެއް ރާއްޖެއަށް ގެނެސްދޭނެ ތާރީޚީ މަސައްކަތެކެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































