
ޕާސްޕޯޓު ފޮތްތައް ފޯރުކޮށްދިނުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، ރައްޔިތުންނަށް ދަތިނުވާނެހެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މޯލްޑިވްސް އިމިގްރޭޝަނުން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، 2026 އޮގަސްޓު 28އިން ފެށިގެން މި ގެނެވުނު ބަދަލާ އެކު، މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަކަށް އެދޭ ފަރާތްތަކަށް އައު ފޮތެއް ދޫކުރުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30ގެ ނިޔަލަށް އިތުރުކޮށްދެވޭނެއެވެ. މިއީ އެއްވެސް ފީއަކާ ނުލައި ދެވޭނެ ހިދުމަތެކެވެ. މީގެ އިތުރުން، އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު ދަތުރުތައް ކުރާ ފަރާތްތަކަށް އަލަށް ޕާސްޕޯޓު ހައްދާއިރު ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތެއް އޮންނަ، އައިކާއޯގެ މިންގަނޑުތަކަށް ފެތޭ 8 ސަފުހާގެ “އިމަޖެންސީ ޕާސްޕޯޓު” އެކެވެ. މިއީ ވެސް ހިލޭ ފޯރުކޮށްދެވޭނެ ހިދުމަތެއްކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
2026 އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގައި ގެންނަން ނިންމާފައިވާ ބަދަލުތައް.
އިތުރަށް ވިދާޅުވުމަށް:https://t.co/oFPCLKmy3a pic.twitter.com/qAfr1kmYAF
— Maldives Immigration (@ImmigrationMV) August 27, 2026
މި ފިޔަވަޅުތައް އަޅަން ޖެހުނީ 2016ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ޗާޕުކޮށްދެމުން އަންނަ ޖަރުމަނުވިލާތުގެ ކުންފުނީގެ މެޝިނަރީއަށް ދިމާވި މައްސަލައެއްގެ ސަބަބުން ސްޓޮކް ލިބުން ލަސްވުމާ ގުޅިގެންނެވެ. އެ މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް، އަންނަ މަހުގެ ނިޔަލަށް ނޫނީ އައު ސްޓޮކް ރާއްޖެއަށް ނުލިބޭނެކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތި ޕާސްޕޯޓު ފޯރުކޮށްދިން ކުންފުންޏަށް ދިމާވި މި ހާލަތާ ގުޅިގެން ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ އިމިގްރޭޝަނުން ވަނީ މާފަށް އެދިފައެވެ. ނަމަވެސް، މި ބަދަލުތަކާ އެކު ވެސް އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން ދެއެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































