
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ދައުލަތުން އިންތިޒާމުކުރާ ޚާއްޞަ ރަސްމީ ބައްދަލުކުރެއްވުން ކެންސަލް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މީގެ ކުރީ އަހަރުތަކުގައި ކުލަގަދަކޮށް ބާއްވަމުން އައި މި ޙަފުލާ މިދިޔަ އަހަރު ވެސް ބާއްވާފައެއް ނުވެއެވެ. މިއީ ސީދާ ދައުލަތުގެ ބަޖެޓުން ކުރާ ހޭދަތައް ކުޑަކޮށް، ފައިސާ ރައްކާތެރިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަކުރެވެއެވެ.
މި ޙަފުލާ ކެންސަލް ކުރެއްވި ނަމަވެސް، ޤައުމީ ފެންވަރުގައި ފާހަގަކުރާ މިނިވަން ދުވަހުގެ މައިގަނޑު ޖަލްސާ ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެއެވެ. އެގޮތުން، މިނިވަން ދުވަހުގެ ހެނދުނު 9:00 ގައި ޒުވާނުންގެ މަރުކަޒުގައި އޮންނަ މި ޚާއްޞަ ޖަލްސާގައި ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































