
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ)އިން އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ ބާޒާރުން ހުސްނުވެ ހުރިހާ ބާވަތެއްގެ ބޭސްވެސް ރައްޔިތުންނަށް ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޝާހު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށްޓަކައި ދައުލަތުގެ ބޭސް ކުންފުނިން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ސްޓޮކް ބެލެހެއްޓުމާއި ސަޕްލައި ޗެއިންގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލް އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ޕްރިސްކްރިޕްޝަންތަކަށް ވަކިން ބޭސް ގެންނަ ގެނައުން ނިމުމަކަށް ގެނެސް، ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހަށް ދިވެހިންނަށް ބޭނުންވާނެ ބޭހުގެ މިންވަރު އަންދާޒާކޮށް، އެ އަދަދަށް ދުރާލާ ބޭސް އެތެރެކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
ދާދިފަހުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގަމުން އައި 193 ބޭސްފިހާރަ ވަނީ ރަސްމީކޮށް ސްޓޭޓް ފާމާގެ ހިންގުމުގެ ދަށަށް ބަދަލުކޮށް ޚިދުމަތްދޭން ފަށާފައެވެ. އެ ކުންފުނިން ހެދި ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކުރެވިފައި ވަނީ އެންމެ 25 އިންސައްތައެވެ. އެހެންކަމުން، ބޭހުގެ އަގުތައް އަތްފޯރާ ފަށެއްގައި ހިފެހެއްޓުމަށާއި މުޅި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.
ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ސްޓޭޓް ފާމާއިން މިހާރު ވަނީ ޚާއްޞަ ކޯލް ސެންޓަރެއްވެސް ޤާއިމުކޮށްފައެވެ. ‘1505’ގެ ނަމުގައި ތަޢާރަފުކުރި މި ހޮޓްލައިން މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ދުވާލުގެ 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޯނުން ގުޅައިގެން ބޭހާ ގުޅޭ އެހީތެރިކަން ހޯދޭނެއެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































