ޤައުމީ އެއަރލައިން ‘މޯލްޑިވިއަން’ އިން ގެންނަ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓާ އެކު، މިއަހަރުގެ ފަހުކޮޅު ރަޝިޔާ އަދި ދެކުނު ކޮރެއާއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހާމަކުރެއްވި ގޮތުގައި، މި އައު މަންޒިލްތަކަށް އުދުހުންތައް ފެށުމަށް ކަނޑައަޅާފައި ވަނީ ބައިނަލްއަޤުވާމީ ފަންނީ ތަޖުރިބާކާރުންގެ ލަފާގެ މަތިންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެނެވޭނެ އަދި މާލީ ގޮތުން ދެކޮޅުޖެހޭނެ ރޫޓުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ފީސިބިލިޓީ ސްޓަޑީތަކެއް ހަދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެވަނަ ބޯޓެއް ގެނައުމުގެ މަސައްކަތް މީގެ ކުރިން ފަށާފައިވީ ނަމަވެސް، އެކަން ލަސްވެގެންދިޔައީ ދުނިޔޭގެ ބާޒާރުގައި ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް އޮތް ޑިމާންޑު ކުއްލިއަކަށް އުފުލި، އުޅަނދުތައް ލިބުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމުން ކަމަށް އިޔާސް ތަފްޞީލު ދެއްވިއެވެ. އެހެންނަމަވެސް، ބޯޓު އުފައްދާ ކުންފުނި ކަމަށްވާ އެއަރބަސް އާއެކު ކުރިއަށްގެންދެވުނު ކާމިޔާބު މަޝްވަރާތަކަށްފަހު، މިއަހަރު ނިމުމުގެ ކުރިން ބޯޓު ރާއްޖެ ގެނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން މިހާރު ވަނީ ލިބިފައެވެ.

ޤައުމީ އެއަރލައިންގެ އުދުހުންތަކުގެ ޤާބިލުކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ގެނެވުނު އެއަރބަސް އޭ330-200 މަރުކާގެ ވައިޑް-ބޮޑީ ބޯޓު ބޭނުންކޮށްގެން، ޗައިނާގެ އެކި ސިޓީތަކަށާއި، އިންޑިއާ، ބަންގްލަދޭޝް އަދި ސަޢޫދީ ޢަރަބިއްޔާއަށް މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ ކާމިޔާބުކަމާއެކު ދަތުރުތައް ބާއްވަމުންނެވެ.

Leave a Reply