ސާކްގެ މެންބަރު ޤައުމެއް ކަމުގައިވާ ނޭޕާލާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ގުޅުމަކީ ދިވެހި ދައުލަތުން ނުހަނު ބޮޑަށް އަގުވަޒަންކުރާ ގުޅުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މަންސަ ‘އެކްސް’ މެދުވެރިކުރައްވައި އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން، އެ ޤައުމުގެ ސަރުކާރާއި އާންމު ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ. މީގެ އިތުރުން، މި ޚާއްޞަ ދުވަހަކީ ނޭޕާލުގެ ތަރައްޤީއަށްޓަކައި އެ ޤައުމުގެ ރައްޔިތުން ވެފައިވާ މަތިވެރި ޤުރުބާނީތަކާއި ކުރަމުންދާ ބުރަ މަސައްކަތްތައް ރަމްޒުކޮށްދޭ ދުވަހެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ނޭޕާލަކީ އަމިއްލަވަންތަ ސަގާފަތަކާއި ޤައުމީ ޚާއްޞަ ސިފަތަކެއް ލިބިފައިވާ ތާރީޚީ ގޮތުން މުއްސަނދި ޤައުމެއްކަން ވެސް ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ. އަދި ކުރިމަގުގައިވެސް މި އެކުވެރިކަން މިގޮތުގައި ދެމިއޮވެ، އިތުރު ރޮނގުތަކުން އެއްބާރުލުން ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން، ރާއްޖޭގެ އެކި ސިނާޢަތްތަކުގައި، ޚާއްޞަކޮށް ޚިދުމަތްދިނުމުގެ ދާއިރާގައި ގިނަ އަދަދެއްގެ ނޭޕާލު މަސައްކަތްތެރިން ހަރަކާތްތެރިވަމުން ދެއެވެ. ހަމައެއާ އެކު، ނޭޕާލަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައާއި، ދިވެހި ޑޮކްޓަރުން މަތީ ތަޢުލީމު ހާސިލުކޮށް ސްޕެޝަލައިޒްވުމަށް އެންމެ ގިނަ ބަޔަކު ދަތުރުކުރާ އެއް މަންޒިލުކަން ވެސް ފާހަގަކޮށްލެވެއެވެ.

Leave a Reply