ހުޅުމާލޭގެ ލަކުޑި ޖެޓީއަށް ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެ ޖެޓީ ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ހުޅުމާލޭގެ ބެލެނިވެރި ފަރާތް ކަމަށްވާ އެޗްޑީސީން ހާމަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން ޖެޓީގެ ސަލާމަތީ މިންގަނޑުތައް ވަޒަންކުރުމަށްޓަކައި ޚާއްސަ އެސެސްމަންޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. އަދި ޖެޓީ އެއްކޮށް މަރާމާތުކޮށް އާންމުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްފަހު މެނުވީ، އެއްވެސް ބޭނުމަކަށް އެ ތަނަށް އަރައި އުޅުމަކީ މިއަދުން ފެށިގެން މަނާކަމެއް ކަމުގައި އެ ކުންފުނިން ވަނީ އަންގާފައެވެ. އެހެންކަމުން މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިމެންދެން އެ ސަރަހައްދު ބޭނުންނުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ޖެޓީ އަލުން އާންމު ބޭނުންތަކަށް ހުޅުވާލާނެ ވަކި ތާރީޚެއް އެޗްޑީސީން އަދި ހާމަކޮށްފައެއް ނުވެއެވެ. ހުޅުމާލޭ ލަކުޑި ޖެޓީއަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ދަތުރުކުރުމަށާއި، ހުސްވަގުތުތަކުގައި ހިތްހަމަޖައްސާލުމަށް ގޮސްއުޅޭ ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ވީނަމަވެސް، އެ ތަން ބަންދުކުރުމާ ގުޅިގެން ދަތުރުވެރިންނަށް ޚިދުމަތްދޭނެ ވަގުތީ އެހެން ސަރަހައްދެއް ހަމަޖެއްސިކަން އެ ކުންފުނިން އަދި އިއުލާނެއް ނުކުރެއެވެ.

Leave a Reply